އެމެރިކާގެ ބޮސްޓަންގައި ހުންނަ ސްޕޯލްޑިންގ ރިހެބިލިޓޭޝަން ހޮސްޕިޓަލުގެ ޑިރެކްޓަރ އޮފް ރަނިންގ މެޑިސިން، އެޑަމް ޓެންފޯޑް ބުނާ ގޮތުގައި މުޅި އުމުރުގައިވެސް، ކޮންމެ މީހަކަށްވެސް ރައްކާތެރިކަމާއެކު ދުވެވޭނެއެވެ.

 

އޭނާ ބުނިގޮތުގައި ދުވުމުން ދިމާވާ ތަދުތަކުގެ ތެރެއިން އަމިއްލައަށް ރަނގަޅުވާ ތަދުތަކަކީ އާންމުކޮށް މާބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް އެ ތަދު ގޯސްވުމުންދިއުމައުމަކީ ފަރުވާދޭންޖެހޭ އަނިޔާއެއްގެ އަލާމާތެއްކަމަށް ކަމަށް ވެދާނެކަމަށެވެ.

 

ރިހުމުގެ ސަބަބުން ދުވުމުގެ ހަރަކާތްތަކަށް ބަދަލުއަންނަކަން ފާހަގަކުރެވިއްޖެނަމަ ނުވަތަ ހަށިގަނޑުގެ އެއް ބައިން އަނެއް ބަޔަށް ތަދު ފެތުރޭނަމަ ދުވާ ގޮތް ބަދަލުކޮށް ތަދުވާ ސަބަބު ހޯދަން ޓެންފޯޑް އިރުޝާދު ދެއެވެ.

 

ދުވުމުން ހުޅުތަކަށް، ހާއްސަކޮށް ކަކުލު ހުޅަށް ގެއްލުންވާކަމަށް ގިނަ ބަޔަކު ގަބޫލުކުރިއަސް އެއްވެސް ދިރާސާއަކުން މިއީ ހަގީގަތެއްކަމަށް ފެނިފައި ނުވާކަމަށްވެސް ޓެންފޯޑް ބުންޏެވެ. އޭނާ ބުނިގޮތުގައި ކަށިތަކާއި ހުޅުތައް ހުންނަނީ ޓެންޑަންތަކާއި އެހެންވެސް މަސްތަކާ ގުޅިފައި ކަމުން، ދުވެގެން މި މަސްތައް ވަރުގަދަވުމަކީ ހުޅުތަކަށް ހަގީގަތުގައި ރަނގަޅުކަމެކެވެ. 

 

އުމުރުން ދުވަސްވާވަރަކަށް ގަވައިދުން ކަސްރަތު ކުރުން މަދުކުރުމަކީ މާބޮޑަށް ބަރުދަން އިތުރުވެ، ހިތުގެ ބަލިތަކާއި ހަކުރުބައްޔަށް މަގުފަހިވާ ކަމެކެވެ. އަދި ހުޅުތައް ރަނގަޅު ގޮތުގައި ބެހެއްޓުމަށް، ގަވައިދުން ހުޅުތައް ބޭނުން ކުރުން، ހާއްސަކޮށް ދުވަސް ވާ ވަރަކަށް ޖެހެއެވެ. ދުވާއިރު ހުޅުގައި ރިއްސާ، ދުޅަވެ، ނުވަތަ ރަނގަޅަށް މަސައްކަތް ނުކުރާނަމަ ޑޮކްޓަރަށް ދައްކަން ވާނެކަމަށް ޓެންފޯޑް ބުނެއެވެ.

 

"އަޅުގަނޑުމެންނަކަށް ސީދާ ނޭނގެ ދުވުމުން އަނިޔާ ލިބޭނީ ކިހާވަރަކަށް ކަމެއް، އެކަމަކު ހަފްތާއަކު 20 މޭލަށް (32 ކިލޯމީޓަރަށް) ވުރެ ގިނައިން ދުވުމުން މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެދާނެ،" ދުވަސްވާ ވަރަކަށް ހަށިގަނޑައަށް އަންނަ ބަދަލުތަކަށް ސަމާލުކަންދޭން އިލްތިމާސްކުރަމުން އެޑަމް ޓެންފޯޑް ބުންޏެވެ.

 

ދުވުމަށް ލޯބިކުރާނަމަ، އުމުރުން ދުވަސްވާވަރަކަށް، ސިއްހަތަށް އަންނަ ބަދަލުތަކާއެކު، ދުވުމުގެ ސަބަބުން ލިބޭ ފައިދާއާއި ގެއްލުމުގެ ރިސްކް އަޅާކިޔާލަންޖެހެއެވެ. މުހިއްމީ މި ކަމަށް ވިސްނައިގެން ކުރިއަށް ދިއުކަމުގައި ޓެންފޯޑް ދެކެއެވެ.

 

ކޮންމެ އުމުރެއްގައި ވެސް ހަރަކާތްތެރިވެވޭނެ އެވެ. ނަމަވެސް ދުވަސްވާވަރަކަށް ޑޮކްޓަރުންނާއި އެހީތެރިވެދެވޭނެ އެހެން މީހުން ތިބުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

 

**މި ލިޔުމަކީ ދަ ހާވާޑް ގެޒެޓުގައި ހާވަޑްގެ ސްޓަފް ރައިޓަރއެއްކަމަށްވާ އަނާ ލޭމްބް، ހައު އޯލްޑް އިސް ޓޫ އޯލްޑް ޓު ރަން ގެ ސުރުހީގައި، 24 އޭޕްރިލް 2024 ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ހުލާސާ ތަރުޖަމާއެކެވެ.**